ނޫސް ބަޔާން

ނޫސްބަޔާން

05 ނޮވެްބަރު 2022 | ނޫސް ބަޔާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2022 ވަނަ އަހަރުގެ 58 ވަނަ ޖަލްސާއިން، "ކައުންސިލް މެންބަރު މުޙައްމަދު ޝާފިޢު، ކައުންސިލުގެ ފަރާތުން ނޫސްވެރިންނާއެކު އިންޑިއާއަށް ކުރެއްވި ދަތުރުގައާއި އޭގެ ފަހުން އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރަސާރަ ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަން ހިނގާ ދިޔަގޮތް ބެލުމަށާއި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކައުންސިލުގެ މަސްއޫލިއްޔަތު އެކަހެރި ކުރުމަށް ނިންމި ނިންމުން، މޯލްޑިވްސް މީޑިއާ ކައުންސިލުންވަނީ ނިމުމަކަށް ގެނެސްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު މުޙައްމަދު ޝާފިޢު، ކައުންސިލުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފައިވާ ނިންމުން ނިމުމަކަށް ގެނެސްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން، ތަޙްޤީޤުކުރި "މުޢާޞަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ޖިންސީގޮތުން ފުރައްސާރަކުރި މައްސަލަ" އަށް އެކަށީގެންވާ ހެކި ޤަރީނާ ނެތުމުން މި މައްސަލަ ނިންމައި ފައިލުކޮށްފައިވާތީއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު މުޙައްމަދު ޝާފިޢު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ފުރަސާރަ ކުރިކަމަށް ބަޔާންކޮށް ވަގުތު އޮންލައިން ނެރެފައިވާ ނޫސްބަޔާނާއި އެކަމާއި ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި، ކައުންސިލުގެ މެންބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ޙަޤީޤަތާއި ޚިލާފު، ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވަގުތު އޮންލައިންގައި ޝާއިޢުކޮށްފައިވާ ޚަބަރުތައް، މިކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދުގެ 4 ވަނަ މާއްގެ (ހ) ގައި ދިވެހިރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ޤާނޫނުގެ ދަށުން އެކުލަވައިލާ ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކުރެވިފައިވާ ހަމަތަކާއި އަޚްލާޤީ މިންގަނޑުތަކަށް ތަބާވާން ވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑުގެ 2 ވަނަ މާއްދާގައި، "މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރާނެއެވެ." އަދި 4 ވަނަ މާއްދާގައި "ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރުމުގައި އެ އެއްޗެއްގެ ޙަޤީޤަތް އޮޅުވައެއް ނުލާނެއެވެ." މިފައިން ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު މުޙައްމަދު ޝާފިޢު ވަގުތު ނޫހުގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބަޔާންކޮށް ވަގުތު އޮންލައިން އިން ނެރެފައިވާ ނޫސްބަޔާނާއި އެކަމާއި ގުޅިގެން ޝާއިޢުކޮށްފައިވާ ޚަބަރުތަކަކީ މީޑިއާގެ އަޚްލާޤީ މިންގަނޑުގެ 2 ވަނަ މާއްދާ އާއި 4 ވަނަ މާއްދާއާ ޚިލާފަށް، ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޙަޤީޤަތަށް ބެލުމެއްނެތި މީޑިއާ ކައުންސިލާއި ކައުންސިލުގެ މެންބަރުންނާ މެދު ރައްޔިތުންގެ ހިތުގައި ޙަޤީޤަތާއި ޚިލާފު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ޝާއިޢުކޮށްފައިވާ ޚަބަރުތަކެއް ކަމުގައި ފާހަގަކުރަމެވެ. 

މީގެ އިތުރުން، ވަގުތު ނޫހުގެ ޚަބަރާއި ގުޅިގެން ދިވެހިރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަމުގެ ޙަޤީޤަތަށް އެއްވެސް ވަރަކަށް ބެލުމެއްނެތި މިކަމާއި ގުޅޭ ގޮތުން ބަޔާން ނެރުމަކީ މިނިވަން ޑިމޮކްރަޓިކް މުޖްތަމަޢުތަކުގައި ޖަމްޢިއްޔާ ޖަމާޢަތްތަކުން މަސައްކަތްކުރާ ގޮތް ނޫންކަމުގައި ވެސް ފާހަގަކުރަމެވެ.

އެހެންކަމުން، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް ރިޢާޔަތްކުރުމަށާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާ އެއްގޮތަށް މަޢުލޫމާތާއި ޚަބަރުތައްގެނެސްދިނުމަށް މި ފުރުސަތުގައި ހަނދާކޮށްދީ އިލްތިމާސްކުރަމެވެ.