ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ޝަހީބު މީޑިއާ އާއި ދެމެދު ނޫސްވެރިން ތަމްރީންކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި.

07 އޮގަސްޓް 2022 | ޚަބަރު


ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ޝަހީބު މީޑިއާއާއި އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

          މޯލްޑިވްސް މީޑިއާ ކައުންސިލްގައި ބޭއްވި ރަސްމީޔާތެއްގައި މި ފަހުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ޝަހީބު މީޑިއާގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބެވެ.

          މި ފަހުމުނާމާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ޒިންމާދާރު، ޤާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމާއި މީޑިއާގައި ހަރަކާތްތެރިވުމަށް ތައުލީމީ ޒުވާނުން ޝައުގުވެރިކުރުވައި، ޕްރޮފެޝަންއެއްގެ ގޮތުގައި ނޫސްވެރިކަން ޚިޔާރުކުރުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމާއި ނޫސްވެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވައިދުތަކާއި ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުމެވެ. އަދި މި ފަހުމުނާމާގެ އަމާޒުތަކުގެ ތެރޭގައި ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި ނޫސްވެރިންގެ ގަދަރު އާންމުންގެ މެދުގައި މަތިކުރުމާއި މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުން ހިމެނެއެވެ.

          މި ފަހުމުނާމާގެ ދަށުން "ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ" ކޯހެއް ޝަހީބު މީޑިއާއިން ހިންގައިދޭނީ ހިލެއެވެ. މިގޮތުން މި ކޯހުގައި ބައިވެރިވުމަށް 30 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 20 ޖާގަ މީޑިއާތަކަށް ޚާއްސަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ.

          ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ "މީޑިއާ ހައުސް" އެކެވެ. "ޝަހީބު މީޑިއާ" އަކީ ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގާ "މީޑިއާ ހައުސް" އެކެވެ. ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފައެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.

          ޝަހީބު މީޑިއާއިން އިންތިޒާމްކުރާ ކޯސްތަކުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

09  مُحَرَّم 1444   

07 އޮގަސްޓް 2022