ޚަބަރު

ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައިހުންނަ ޖަޕާންގެ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

11 އޮގަސްޓް 2022 | ޚަބަރު

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޖަޕާނުގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މިޑިއާ ކައުންސިލުން ޖަޕާން އެމްބަސީގައި މަޝްވަރާ ކޮށްފިއެވެ.

            މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. ޖަޕާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހާ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ އަދި ރިސާޗާ/އެޑްވައިޒާރ މިސްޓަރ އޯޓާ ޔޮޝޫ އެވެ.

            މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމް.އީ.އެކްސް.ޓީ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

            ދިވެހި ރާއްޖޭގައި ހުންނަވާ ޖަޕާންގެ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހާ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ، ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިކައުންސިލަށް ދެއްވާފައެވެ.