ޚަބަރު

"ނޫސްވެރިކަމުގެ އިނާމު 2021" ޙަފްލާ ބާއްވައިފި

13 ނޮވެްބަރު 2022 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު 2021' ގެ ޙަފްލާ 2022 ނޮވެންބަރު 12 ވީ (ހޮނިހިރު) ދުވަހުގެ ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބާއްވައިފިއެވެ.

މި ޙަފްލާގައި ޖުމްލަ 11 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމާއި ހަޔާތީ އަރުތައިގެ އިނާމު ދެބޭފުޅަކަށް އަރުވާފައިވެއެވެ. އިނާމު ލިބުނު ފަރާތްތަކުގެ ހުށަހެޅުންތަކަށް އިންސާފުވެރިކަމާއިއެކު ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ 7 މެންބަރުންގެ މައްޗަށް ހިމެނޭ ފަސް ޕެނަލަކުންނެވެ. އަދި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ، ވައިސް ޗާންސެލަރ، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ. މި ރަސްމިއްޔާތުގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ޙަސަން އަދި ހަފްލާގެ ޝަރަފްވެރި މެހުމާނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ނޫސްވެރިންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކާފައިވެއެވެ.

މިއަހަރު ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ފަރާތްތަކަށް ލިބުނު އިނާމުތަކުގެ ތެރޭގައި، ކޮންމެ ދާއިރާއަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ފައިސާގެ އިނާމު، އަދާރަން ރިސޯޓުން ދެއްވާ ރިސޯޓު ސްޓޭ، އެސްޓީއޯއިން ދެއްވާ ފައިސާގެ އިނާމު، ސައުދީ އެންބަސީއިން ދެއްވާ ފައިސާގެ އިނާމު، ޔޫރޯ މާރކެޓުން ދެއްވާ ގިފްޓް ވައުޗަރ، އެމްޔޫ ސްޓޯރުން ދެއްވާ ގިފްޓް ހެންޕަރ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ލިބުނު ފަރާތްތަކަށް ލިބުނު އިނާމުތަކުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް އިން ދެއްވާ -/10000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ކާރޑް، އެމްޕީއެލްއިން ދެއްވާ ފައިސާގެ އިނާމު، އެމްއެމްއޭ އިން ދެއްވާ ފައިސާގެ އިނާމު، ދިރާގު ޕޯސްޓްޕެއިޑް 1000 ޕްލޭން (6 މަސްދުވަހަށް)، އުރީދޫ އެއަރ ފައިބަރ ކަނެކްޝަން 500 ޖީބީ ޕްލޭން (1 މަސްދުވަހަށް) ރޯޔަލް އައިލެންޑް އެންޑް ސްޕަރއިން ދެއްވާ ރިސޯޓު ސްޓޭ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއިން ދެއްވާ އުމްރާ ދަތުރު ވަނީ ހަމަޖައްސައިފައެވެ.

'ނޫސްވެރިކަމުގެ އިނާމު 2021' ހާސިލުކުރައްވާފައިވާ ފަރާތްތަކަކީ:

1.     ނޫސް މަޖައްލާ ކެޓަގަރީން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާއީ ދާއިރާއިން:

·        މުޙައްމަދު ހަމްދޫން / މިހާރު

2.     ނޫސް މަޖައްލާ ކެޓަގަރީން، ސިޔާސީ ދާއިރާއިން:

·        ފަޒީނާ އަޙްމަދު / މިހާރު

3.     ނޫސް މަޖައްލާ ކެޓަގަރީން، ޝަރުއީ އަދި ޤާނޫނީ ދާއިރާއިން:

·         ޝަފްނާ ޙުސައިން/ ދައުރު

4.     ނޫސް މަޖައްލާ ކެޓަގަރީން، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއިން:

·        އަޙްމަދު ނާއިފް / ދައުރު

5.     ނޫސް މަޖައްލާ ކެޓަގަރީން، ކުޅިވަރުގެ ދާއިރާއިން:

·        އައްޒާމު އަލިފުޅު / އަދަދު

6.     ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން.

·        ނިޝާން ޢަލީ / މިހާރު

7.     ނޫސް މަޖައްލާ ކެޓަގަރީން، ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާއިން:

·        އަޙްމަދު ޢަލީ / ވަގުތު އޮންލައިން

8.     ނޫސް މަޖައްލާ ކެޓަގަރީން، ފީޗަރ / ރިޕޯޓު ދާއިރާއިން:

·        ނަޖާހް މަސްއޫދު / ދައުރު

9.  ގްރެފިކްސް އެންޑް އިލަސްޓްރޭޝަންސްގެ ދާއިރާއިން:

·        ޢަބްދުﷲ ޝަފީޢު / އަދަދު

10.  އުއްމީދީ ނޫސްވެރިޔާގެ އިނާމު:

·        ޢާލިމް އަބްދުލް ލަތީފް / މިހާރު

11.  އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ:

·        އާމިނަތު ޝިފްލީން/ ދައުރު

ހަޔާތީ އަރުތައިގެ އިނާމު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ:

1. ޑރ. ޢަލީ ރަފީޤް (ގ. ލިއެނާ)

2. އަލްފާޟިލް މުޙައްމަދު ވަހީދު (މަޑުލު) (މ. މަޑުލު)

"ތަޙްޤީޤީ ނޫސްވެރިކަމުގެ ދާއިރާ" އާއި ބްރޯޑް ކާސްޓިންގ ގެ ދާއިރާތަކަށް މި އަހަރު އިނާމު ލިބިފައި ނުވެއެވެ. ޖުމުލަ 12 ދާއިރާއަކުން ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓިންގ އިނާމަށް ހުޅުވާލިއެވެ.

          19 رَبِيع ٱلْآخِر  1444


         13 ނޮވެންބަރު 2022