ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހަވަނަ ދައުރުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

14 ޑިސެމްބަރު 2020 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށްފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުވާލައި ނުވަތަ އެއްކޮށްލުމަށްފަހު އާ މުވައްސަސާއެއް އުފެއްދުމަށްޓަކައި ސަރުކާރުން ހުށަހަޅާ ބިލާ ގުޅޭގޮތުންނާއި، މޯލްޑިވްސް މީޑިއާ ކައުންސިލަށް  ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމާއި، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި މީޑިއާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ބަދަލުކުރުމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ އެކިއެކި  ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ.

            މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންގެ ތެރެއިން ބައިވެރިވީ، ކައުންސިލުގެ ރައީސް އަލްފާޟިލް ޞަހުބާން ފަހުމީ، ނައިބު ރައީސް އަލްފާޟިލް ޙުސައިން ޘަޤީފް، އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، އަލްފާޟިލް އާދަމް ނަވާޒް، އަލްފާޟިލް އާދަމް ނަޒީރު، އަލްފާޟިލް މުޢިއްޒު އިބްރާހީމް، އަލްފާޟިލް ޢަލީ ޙުސައިން، އަލްފާޟިލާ ފާޠިމަތު އަޙްމަދު، އަލްފާޟިލް ޝަފާޢަތު ޙަބީބު، އަލްފާޟިލް މުޙައްމަދު ޝަފާޢު ޙަސަން، އަލްފާޟިލް އަޙްމަދު މޫސާ، އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމްއެވެ. މެންބަރުންގެ އިތުރުން، ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވީ ލީގަލް އެސިސްޓެންޓް އަލްއުސްތާޛާ ފާޠިމަތު ފަހުމީއެވެ.

           މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އަލަށް އުފައްދާ މުވައްސަސާ އެކުލަވާލުމުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޚިޔާލާއި ދައުރު ހިމެނުމަށާއި، ނޫސްވެރިންނަށް ބޭރުގެ ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި އަދި މޯލްޑިވްސް މީޑިއާ ކައުންސިލަށް ދިމާވެފައިވާ ބަޖެޓްގެ ދަތިކަމާއި މުވައްޒަފުން ހޯދުމަށް ހުރި ދަތިތަކަށް ހައްލުހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

މީގެއިތުރުން، ރާއްޖޭގެ މީޑީއާތައް މިހާރަށްވުރެ ޒިންމާދާރުކޮށް ހަމަމަގަށް އެޅުވުމުގެ މަސްޢޫލިއްޔަތު މަތިކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށްވާތީ އެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

01 ޖުމާދަލްއާޚިރާ 1442

                         14 ޖަނަވަރީ 2021