ޚަބަރު

ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް ނިންމާލައިފި

14 އޮކްޓޯބަރު 2020 | ޚަބަރު


ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އަމާޒުކޮށްގެން "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" ގެ ނަމުގައި އޮންލައިން ޕްރޮގްރާމެއް  މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގައިފިއެވެ.

 މި ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗު 2020 ސެޕްޓެންބަރު 16 އިން 2020 ސެޕްޓެންބަރު 21 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު، އެ ބެޗުގައި 59 ދަރިވަރުން ޕްރޮގްރާމް ފުރިހަމަކޮށްފައި ވެއެވެ. އަދި ދެވަނަ ބެޗް، 2020 ސެޕްޓެންބަރު 23 އިން 2020 ސެޕްޓެންބަރު 28 އަށް ކުރިއަށް ގެންދެވުނުއިރު މި ބެޗުގައި ޖުމުލަ 61 ދަރިވަރުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރިއެވެ.

 މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ އަލްފާޟިލް އަޙްމަދު ނަޒީފް، އަލްއުސްތާޛު މުޙައްމަދު ޔާމީން އިބްރާހީމް، އަލްފާޟިލް މުޙައްމަދު ޝަޙީބް، ޝައިޙް އަލީ ޒާހިރު ސައީދު ޤާސިމް، އަލްފާޟިލް އަބްދުއްލަތީފް އަޙްމަދު، އަލްފާޟިލް ނިއުޝާދު ޝަރީފް، އަލްފާޟިލް އަޝްރަފް ޢަލީ، އަލްފާޟިލް އައްބާސް އިބްރާހީމެވެ. އަދި މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުންވެސް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 "ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2020 އޮކްޓޫބަރު 14 ވަނަ ދުވަހުގެ ރޭ 20:30 ގައި ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ އިތުރުން މީޑިއާ ކައުންސިލުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މީގެ އިތުރުން މުދައްރިސުންގެ ފަރާތުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވާހަކަފުޅުދެއްކެވިއެވެ.