ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްފި

17 ފެބްރުއަރީ 2019 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށްފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވުނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ ދަތިކަމާއި ޤާނޫނާއި ޤަވާއިދު އޮތްގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުންނެވެ.

            މިބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންގެ ތެރެއިން ބައިވެރިވީ، ކައުންސިލުގެ ރައީސް އަލްފާޟިލް ހިދާޔަތުﷲ، ނާއިބު ރައީސް އަލްފާޟިލް އަޙްމަދު އާޒިފް، މެންބަރު އަލްފާޟިލް ޢަބްދުއްލަޠީފް އަޙުމަދު، މެންބަރު އަލްފާޟިލާ ރިފާޢަތު ރަޝީދު، މެންބަރު އަލްފާޟިލް ޢާޠިފް ޢަބްދުލް ޙަކީމް، މެންބަރު އަލްފާޟިލް ޙިސާން ޙަސަން، މެންބަރު އަލްފާޟިލް ޢަލީ އަޙްސަން، މެންބަރު އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފު، މެންބަރު އަލްފާޟިލް އަޙްމަދު އަމީން މުޙައްމަދު، މެންބަރު އަލްފާޟިލް ޢަޒްމީ ޢަލީ، މެންބަރު އަލްފާޟިލް ޢަލީ ރިފްޝާން، މެންބަރު އަލްފާޟިލާ ޝިފްޒާ މުޞްޠަފާ އަދި އަލްފާޟިލް އަޙްމަދު ޖަދުއާނެވެ. މެންބަރުންގެ އިތުރުން، ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވީ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަރުޞަތު، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު މުނާ، އ.ޑިރެކްޓަރ އަލްފާޟިލް އަބޫބަކުރު ޢާދިލް މޫސާ އަދި އ. ޑޭޓާ ޕްރޮސެސިންގ އޮފިސަރ އަލްފާޟިލާ އާމިނަތު އަޒްލިފާއެވެ.

           މިބައްދަލުވުމުގައި މީޑިއާއަށް ދިމާވާ ގޮންޖެހުންތަކާއި މީޑިއާގެ ތަރައްޤީއަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރިއެވެ. އަދި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް މިކައުންސިލުން ޝާއިޢުކޮށް ނެރުނު "އަލިމަސް" ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނެވެ. އަދި އެފޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބެއް ދެއްވާފައިވާކަން ފާހަގަކޮށް ޝުކުރު ދެންވިއެވެ.   

މީގެއިތުރުން، މިކައުންސިލުން ހުށަހެޅި ކަންކަން ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާ ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށާއި މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް މިސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.