ޚަބަރު

އިންޑިއާގެ ނިއުދިއްލީގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ނޫސްވެރިން އިންޑިއާގެ ޕްރެސް ކައުންސިލާއި އެކު ބައްދަލުވުމެއް ބާއްވައިފި

25 އޮގަސްޓް 2022 | ޚަބަރު


އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ޕްރެސް ކައުންސިލްގެ ކޮންފަރެންސް ހޯލުގަ، މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ނޫސްވެރިންގެ ވަފުދެއް ބައްދަލުވުމެއް ބާއްވައިފިއެވެ. އިއްޔެ ބޭއްވި މި ބައްދަލުވުމަކީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ދިނުމަށް މީޑިއާ ކައުންސިލާއި އިންޑިއާ ސަރުކާރު ގުޅިގެން މިހާރު އެމިޓީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ތަމްރީނު ދަތުރުގެ ތެރެއިން މީޑިއާ ކައުންސިލްގެ އެދުމަކަށް ބޭއްވި ބައްދަލުވުމެކެވެ.

     މި ތަމްރީނު ޕްރޮގްރާމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ނައިބް ރައީސް ހުސައިން ޘަޤީފް، ކައުންސިލް މެމްބަރު މުހައްމަދު ޝާފިއު އާއި ކައުންސިލް މެމްބަރު މުއިއްޒު އިބްރާހިމް އެވެ. އިންޑިއާގެ ޕްރެސް ކައުންސިލްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެ ކައުންސިލްގެ ޗެއަރ ޕާސަން، އިންޑިއާގެ ސުޕްރީމް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ރަންޖަނާ ޕްރަކާޝް ދެސާއި، ކައުންސިލް މެމްބަރު ޖީ ސުދާކަރު ނެއިރާއި ސެކެޓްރީ ނުންގްސަންގްލެމްބްގެ އިތުރުން އެ ކައުންސިލްގެ އިސް ބޭފުޅުންނެވެ. މީގެ އިތުރުން އިންޑިއަން އިންސިޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގެ ކޯސް ޑިރެކްޓަރ ޑރ. ސަންގީތާ ޕްރަވެންދްރާ ވެސް މި ބައްދަލުވުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.

    މި ޓްރެއިނިންގ ގެ ސެޝަންތަކުގައި މަޢުލޫމާތުތައް ހިއްސާކޮށްފައިވަނީ ނޫސްވެރިކަމުގެ ތަޖުރިބާކާރު ބޭފުޅުންނަށް ވީއިރު އެ ބޭފުޅުންގެ ތަޖުރިބާ ދިވެހި ނޫސްވެރިންނާ ހިއްސާކޮށްފައިވާއިރު ދިވެހި ނޫސްވެރިކަމާއި ނޫސްވެރިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޚިޔާލުތަކާއި އެކު މަޝްވަރާ ކޮށްފައިވެއެވެ. އިންޑިއާގެ ޕްރެސް ކައުންސިލްގެ ޗެއާރ ޕާސަން ޖަސްޓިސް ރަންޖަނާ ޕްރަކާޝްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލްގެ މެމްބަރުންނާއި ދިވެހި ނޫސްވެރިންނާއި ބައްދަލުވުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރައްވާ ކަމަށާއި އަދި އެ ބައްދަލުވުމަކީ ދެ ކައުންސިލް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށް އެޅިގެންދިޔަ ރަނގަޅު ފާލަމެއް ކަމަށް ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތް ވަފުދުން ވަނީ، ދެ ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެ މަގުން މަސައްކަތް ކުރުމަށް ދައުވަތު ދީފަ އެވެ. މިބައްދަލަވުމުގައި ދެ ގައުމުގެ ކައުންސިލް މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ތަޖުރިބާތައް ވަނީ ހިއްސާ ކުރެވިފައެވެ. މީގެ އިތުރުން ނޫސްވެރިންނާއި ނޫސްވެރިކަމަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

މިއީ ރާއްޖޭގެ މީޑިއާ ކައުންސިލާއި އިންޑިއާގެ ޕްރެސް ކައުންސިލް ރަސްމީ ސިފައެއްގައި ބައްދަލުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ޕްރެސް ކައުންސިލަކީ އެ ގައުމުގެ ޕްރިންޓް މީޑިއާތަކުގެ ބެލެނިވެރި ފަރާތެވެ. އެ ކައުންސިލް އުފެދުނީ 1979 ވަނަ އަހަރުގައެވެ. އަދި ކައުންސިލް އެކުލެވިފައިވަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރު 28 މެމްބަރުންގެ މައްޗަށެވެ.

27 مُحَرَّم 1444

25 އޮގަސްޓް 2022