ޚަބަރު

ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖޭގައިހުންނަ ޗައިނާ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

25 އޮގަސްޓް 2022 | ޚަބަރު

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޗައިނާގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މިޑިއާ ކައުންސިލުން ޗައިނާ އެމްބަސީގައި މަޝްވަރާ ކޮށްފިއެވެ.

            މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަފާޢު ހަސަން، މެންބަރު އަލީ ހުސައިން، މެންބަރު އަޙްމަދު މޫސާ އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ. ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ އެކްސްޓްރާއޯޑިނަރީ އެންޑް ޕްލެނިޕޮންޓެޝަނަރީ ވެންގް ލިޒިންއާއި އެޓާޗޭ  ވެންގް ލޯންގހޯއެވެ.

            މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޗައިނާއަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި، އެމްއެމްސީގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމާއި، ސްކޮލާޝިޕް ޕްރޮގްރާމްގެ ފުރުސަތު ނޫސްވެރިންނަށް ހޯދައިދިނުމާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

                  ދިވެހި ރާއްޖޭގައި ހުންނަވާ ޗައިނާ އެމްބަސެޑަރ އެކްސްޓްރާއޯޑިނަރީ އެންޑް ޕްލެނިޕޮންޓެޝަނަރީ ވެންގް ލިޒިން ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިކައުންސިލަށް ދެއްވާފައެވެ.