ޚަބަރު

ޤާނޫނީ ހަމަތަކާ ޚިލާފަށް މީޑިއާގައި ޝާއިޢުކުރާ ތަކެތި ފާހަގަކުރާ އިދާރީ މޭޒެއް ހަމަޖައްސައިފި

06 އޭޕްރިލް 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްޓަކައި، ޚިޔާލުފާޅުކުރުމުގެ ޤާނޫނީ ހަމަތަކާ ޚިލާފަށް މީޑިއާގައި ޝާއިޢުކުރާ ތަކެތި ފާހަގަކުރާނެ "އިދާރީ މޭޒެއް" 3 އޭޕްރީލް 2017 ވީ ހޯމަދުވަހު ހަމަޖައްސައިފިއެވެ. މައިގަނޑު ގޮތެއްގައި، އެ މޭޒުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ، ޤާނޫނީ ހަމަތަކާ ޚިލާފަށް މީޑިއާގައި ޝާއިޢުކުރާ ތަކެތި ފާހަގަކުރުމެވެ. އެ މޭޒުން ފާހަގަކުރާ ތަކެއްޗާމެދު ގޮތެއް ނިންމާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން މައްސަލަ ބަލާ އުޞޫލާ އެއްގޮތަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، ކޮންމެ މީހަކަށް އަދި ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައި ވެއެވެ. އަދި ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލާފުވާ ރަޖިސްޓަރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާގެ އަމިއްލަ އިސްނެގުމުގެމަތިން، ޖަވާބުދާރީވުމުގެ ޙައްޤާއި ޤާނޫނު އަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް މައްސަލައިގައި ހިމެނޭ ދެފަރާތަށް ލިބިދޭ ގޮތެއްގެމަތިން، އެ މައްސަލައެއްގެ ތަޙުޤީޤު ހިންގަންވާނެ ކަމަށް ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ކަނޑައަޅާފައި ވެއެވެ.

"އިދާރީ މޭޒު" ގައި މަސައްކަތްކުރައްވާނީ، މީޑިއާ ކައުންސިލުގެ އިދާރީ މުވައްޒަފުންނެވެ. ޚިޔާލުފާޅުކުރުމުގެ ޤާނޫނީ ހަމަތަކާ ޚިލާފަށް މީޑިއާގައި ޝާއިޢުކުރާ ތަކެތި އިދާރީ މޭޒުން ފާހަގަކުރާނީ، ޤާނޫނާއި ގަވާއިދާއި އުޞޫލުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލައިގެންނެވެ.

 

06 އޭޕްރީލް 2017