ޚަބަރު

މީޑިއާ ކައުންސިލުންދޭ އިނާމުދިނުމުގެ އުސޫލު ފާސްކޮށްފި

18 މެއި 2017 | ޚަބަރު

2017 މޭ 17 ވީ ބުދަ ދުވަހު ބޭއްވުނު ކައުންސިލުގެ ޖަލްސާގައި، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމު ދިނުމުގެ އުސޫލު" ފާސްކޮށްފިއެވެ. ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމު ދެމުން ގެންދިޔައީ، ކޮންމެ އަހަރަކަށް ޚާއްޞަ ގަވާއިދެއްގެ ދަށުންނެވެ. އެހެނަސް އެގޮތަށް އެކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފާސްކޮށްފައިވަނީ، އާންމު އުސޫލަކަށް ބަދަލުކޮށްގެންނެވެ.

އިއްޔެ ފާސްކުރި އުސޫލުގައި ވަނީ، އިނާމުދިނުމާބެހޭ ކުރީގެ ގަވާއިދުގައި ނެތް އާ ދާއިރާއެއް ހިމަނާފައެވެ. އެއީ، ފީޗަރ ލިއުމުގެ ދާއިރާއެވެ. އެ ދާއިރާއާއެކު ޖުމުލަ، 8 ދާއިރާއިން އިނާމު ދިނުމަށް އުސޫލުގައި ކަނޑައަޅާފައި ވެއެވެ. އެ ދާއިރާތަކަކީ:

1.     އިޖްތިމާޢީ ދާއިރާ،

2.     ސިޔާސީ ދާއިރާ،

3.     ޝަރުޢީ އަދި ޤާނޫނީ ދާއިރާ،

4.     ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ،

5.     ކުޅިވަރުގެ ދާއިރާ،

6.     ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ،

7.     ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ،

8.     ފީޗަރ ލިއުމުގެ ދާއިރާ، މިއެވެ.

މީގެ އިތުރުން، ޚާއްޞަ ދެ އިނާމެއް ވެސް ވެއެވެ. އެއީ، ލައިފްޓައިމް އެޗީވްމަންޓް އިނާމާއި، އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމެވެ.

އިއްޔެ ފާސްކުރި އުސޫލު، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކޮށްގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އިއްޔެގެ ކައުންސިލުގެ ޖަލްސާއިން ފާސްކޮށްފައެވެ.

 

18 މޭ 2017