ޚަބަރު

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލުކުރައްވައިފި

29 މާރޗް 2017 | ޚަބަރު

28 މާރިޗު 2017 ވީ އަންގާރަ ދުވަހު ހަވީރު، އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގައި އިންތިޒާމުކުރެވުނު މި ބައްދަލުވުމުގެ މަޤުޞަދަކީ، ލޯކަލް އިންތިޚާބުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް ކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އިލެކްޝަންސް ކޮމިޝަނުން މި ބައްދަލުވުން އިންތިޒާމުކުރެއްވީ، ލޯކަލް އިންތިޚާބާބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުން އެދި، މޯލްޑިވްސް މީޑިއާ ކައުންސިލުން ދެންނެވި ދެންނެވުމަކަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ނޫސްވެރިންނަށް ކޮންމެހެން އެނގެންޖެހޭ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، އެކަމާގުޅޭ މަޢުލޫމާތު ދިނުމަށެވެ. މި ކައުންސިލުން ދެންނެވި ދެންނެވުމަށް އިޖާބަދެއްވައި، އިލެކްޝަންސް ކޮމިޝަނުން ވަނީ، އެއް ދުވަހުގެ ވޯކްޝޮޕެއްގެ ގޮތުގައި އެކަން އިންތިޒާމުކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި، އަދި ނޫސްވެރިންގެ މަސައްކަތް ހުންނަ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެ ވޯކްޝޮޕް ބޭއްވުމަށް ނިންމުނު ތާރީޚަކީ، 1 އޭޕްރީލް 2017 ވާ ހޮނިހިރުދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯކްޝޮޕް އިންތިޒާމުކުރައްވާފައިވަނީ، މައިގަނޑު ގޮތެއްގައި ހަތް ޕްރެޒެންޓޭޝަނެއްގެ މައްޗަށެވެ. އޭގެތެރޭގައި ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި، އިންތިޚާބުގައި މަނާ ކަންތައްތަކާއި، ވޯޓުލާ މީހުންގެ ޙައްޤުތަކާއި، ވޯޓުނެގުމުގެ ޕްރޮސެސްއާއި، ވޯޓު ގުނުން އިންތިޒާމުކުރެވިފައިވާ ގޮތް ހިމެނެއެވެ. މީގެ އިތުރުން، "އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން" މި މައިގަނޑު ނަމުގެ ދަށުން ގެނެސްދެވޭ ޕްރެޒެންޓޭޝަނެއް ވެސް ހިމެނެއެވެ. އަދި މީޑިއާގެ ގައިޑްލައިނަކާއި، ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންނަށް ހުޅުވާލެވިފައިވާ ސުވާލާއި ޖަވާބުގެ ސެޝަނަކާއި، ޓްރޭނިންގ ފީޑްބެކް ނެގުމާއި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރެއްވުންވެސް ވޯކްޝޮޕްގައި ހިމަނުއްވާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުން ހާމަކުރެއްވި ގޮތުގައި، އިންތިޒާމުކުރެވިފައިވާ ގޮތާ ޚިލާފަށް ނޫސްވެރިންނަށް ޢަމަލުކުރެއްވެނީ، ކަމާގުޅޭ މަޢުލޫމާތު ލިބިވަޑައިގެންފައި ނުވާތީއެވެ. މީޑިއާ ކައުންސިލުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ބޭފުޅުންނަށް ދެންނެވީ، އިންތިޚާބުގެ ތެރޭގައި އެއްވެސް ނޫސްވެރިއަކަށް އޮޅިގެން ކުށެއް ނުކުރެއްވޭނެ މިންވަރަށް މަޢުލޫމާތު ދެއްވުމަށެވެ. އަދި އާންމު ގޮތެއްގައި ނޫސްވެރިންނަށް އޮޅުންއަރާ ކަންތައްތަކަށް އިސްކަންދެއްވައިގެން މަޢުލޫމާތު ދެއްވުމަށެވެ. މި ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވަޑައިގެންނެވި މެމްބަރުންގެ ތެރެއިން މީޑިއާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް ބައެއް މުހިންމު ކަންތައްތަކަށް އަލިއަޅުވައިލެއްވިއެވެ. އެއިން އެންމެ މުހިންމު އެއް ކަމަކީ، އިންތިޚާބު އޮންނަ ދުވަހު މީޑިއާތަކުގެ ގިނަ ބަޔަކު މައިދާނަށް ނިކުންނާނެ ކަމެވެ. އެހެންކަމުން، ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންނަށް، ކަމާގުޅޭ މަޢުލޫމާތު ހިމެނޭ ކަރުދާސްތައް ލިބިވަޑައިގަންނަވާނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އެބޭފުޅުން އެދިވަޑައިގަތެވެ. އެއީ، ވޯކްޝޮޕްގައި ބައިވެރިވެވަޑައިނުގެންނެވޭ ނޫސްވެރިންނަށް، އެ ބޭފުޅުންގެ ފަރާތްޕުޅުން ޞައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވުމުގެ މަޤުޞަދުގައެވެ. މިކަމާބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިހާރުވެސް އެ ކޮމިޝަނުން މަޢުލޫމާތު ފޯރުކޮށްދެއްވުމުގައި އެފަދަ އިންތިޒާމުތައް ހަމަޖައްސަވާފައިވާ ކަމަށެވެ.

މި އަރުތަވެރި ބައްދަލުވުން ނިމިގެންދިޔައީ، މީޑިއާތަކުން ބައިވެރިވެވަޑައިގަންނަވާނެ މީހުންގެ ލިސްޓެއް، މީޑިއާ ކޮމިޝަނުން، އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމާބެހޭ މަޝްވަރާތަކަށްފަހުގައެވެ. ވޯކްޝޮޕް އޮންނަ ތަނުގެ ޖާގައަށް ބަލާއިރު، ކޮންމެ މީޑިއާއަކުން 5 ބޭފުޅުންނަށް ބައިވެރިވެވިދާނެ ކަމަށް މަޝްވަރާކުރެވުނެވެ. އަދި ޖުމުލަ ބައިވެރިންގެ ޢަދަދު 40 އަށްވުރެ މަދުވެއްޖެނަމަ، ވޯކްޝޮޕް ބޭއްވުމަކީ ފަސޭހަ ކަމެއް ކަމުގައި ނުވާނެ ކަމަށް ވެސް މަޝްވަރާކުރެވުނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިތުރުން، މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަނުގެ ބޭފުޅުން ވެސް މި ބައްދަލުވުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވެސް ނުހަނު ބިނާކުރަނިވި ޚިޔާލުފުޅުތައް ހުށަހެޅުއްވިއެވެ. އަދި ވޯކްޝޮޕްބޭއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އެކަން ކާމިޔާބުކުރެއްވުމަށްޓަކައި، ވަރަށް އީޖާބީ ގޮތެއްގައި މަޝްވަރާތައް ކުރެއްވިއެވެ.

 

29 މާރިޗް 2017