ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބްރުއަރީ 2015 | ޚަބަރު


މީޑިއާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ނޫސްވެރިކަމުގެ އިނާމު 2015 އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިފެން މާޗް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް މި ފަހަރު ހަތް ދާއިރާއަކުން ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެއީ އިޖުތިމާއީ ދާއިރާ އާއި ސިޔާސީ ދާއިރާ އާއި ކޯޓާއި ޝަރުއީ ދާއިރާ އާއި ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އެވެ. 

މީޑިއާ ކައުންސިލުން ބުނިގޮތުގައި ދައުލަތުގެ މިނިސްޓްރީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ މީޑިއާއެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް އިނާމަށް ކުރިމަތިލެވޭނެ އެވެ. އަދި އަމިއްލަ ފަރުދަކު ނުވަތަ މުއައްސަސާއަކުން ވެސް ނޫސްވެރިއެއްގެ ނަން، އިނާމަށް ހުށަހެޅޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން ބުނިގޮތުގައި ނޫސްވެރިކަމުގެ އިނާމު ދިނުމާ ގުޅޭ ގަވައިދާއި މާކްސް ދިނުމުގައި އަމަލުކުރާ މައިގަނޑު އުސޫލު އަދި އިނާމަށް ހުށަހެޅުމުގެ ފޯމު މީޑިއާ ކައުންސިލްގެ ވެބްސައިޓުން ލިބޭނެ އެވެ.

އެމްއެމްސީން ހޮވާ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑްގައި ހިމެނޭ ޕްރިންޓް/އޮންލައިން ބައިން މިދިޔަ ދެ އަހަރު އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނީ "ހަވީރު"ގެ ފަޒީނާ އަހުމަދާ މުހައްމަދު ހަމްދޫނެވެ.