ޚަބަރު

ކޯވިޑް-19އާ ގުޅިގެން މީޑިއާތަކާއި ނޫސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ހެދި ސާވޭގެ ހޯދުންތައް އާންމުކުރުމަށް ވެބިނާއެއް ބާއްވައިފި

17 ޖޫން 2020 | ޚަބަރު

ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ދިމާވާ މާލީ މައްސަލަތައް ދެނެގަތުމުގެ މަގުސަދުގައި މި ކައުންސިލްގެ ފަރާތުން މީޑިއާތަކުގެ ވެރިންނާއި މުވައްޒަފުންގެ މެދުގައި 2020 ޖޫން 10-5 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ސާވޭގެ ހޯދުންތައް ހިމެނޭ ރިޕޯޓް މިއަދު އާންމުކޮށްފިއެވެ. މި ރިޕޯޓް ނެރެފައި ވަނީ، މީޑިއާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް "ކޯވިޑް-19އާ އެކު މީޑިއާތަކުގެ ކުރިމަގު" މި ނަމުގައި އާންމުކޮށް އެންމެންނަށް ބައިވެރިވެވޭ ގޮތަށް މި ކައުންސިލުން ބޭއްވި ވެބިނާއެއްގަ އެވެ.

އެ ވެބިނާގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ، ސަން މީޑިއާ ގްރޫޕުގެ އެކްޓިން ސީއީއޯ އަދި ޗީފް އެޑިޓަރު އަޙުމަދު ޒާހިރު ހިރިގާ އާއި މާކެޓިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، އެލައިޑް އިންޝްއަރެންސްގެ މެނޭޖާ މާކެޓިން ނިއުޝާދު ޝަރީފް އަދި ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ.

ވެބިނާ ހޮސްޓް ކޮށްދެއްވީ، މި ކައުންސިލްގެ މެންބަރު ޢަބްދުއް ލަތީފް އަޚުމަދެވެ. އަދި ސާވޭގެ ހޯދުންތައް ހާމަކޮށްދެއްވީ، އެ ސާވޭ ހެދުމާއި ރިޕޯޓް އެކުލަވާލެއްވުމުގައި އިސްކޮށް އުޅުއްވި ކައުންސިލް މެންބަރު، އަޙްމަދު އަމީން މުޙައްމަދުއެވެ.

މި ވެބިނާގެ ޕެނަލިސްޓުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކޯވިޑް-19އާ އެކު އެތައް ވިޔަފާރިތަކެއް ހުއްޓުމަކަށް އައިސްފައިވާ އިރު، ވިޔަފާރިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވިޔަފާރިތަކުން އިޝްތިހާރަށް ކުރާ ހަރަދު ކުޑަކުރަމުންދެއެވެ. އެކަމުގެ ސަބަބުން މީޑިއާތަކުގެ އާމްދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަ އިރު އިޝްތިހާރު ސްލޮޓްތައް ވިއްކުމުގެ އިތުރަށް އާމްދަނީ ހޯދުމަށް މީޑިއާތަކުގެ ވިސްނުން އެހެން ދިމާލަކަށް ބައްޓަން ކުރަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ވިޔަފާރިތަކަށް ޙާއްޞަ ފެންވަރު ރަނގަޅު ޒަމާނީ ކޮންޓެންޓް މީޑިއާތަކުން އުފައްދައި ދީގެން އޭގެ ތެރެއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ރޭވުމާއި، ފައިސާ ދީގެން ޚަބަރު ކިޔޭ ގޮތަށް ޕޭވޯލް ތަޢާރަފް ކުރުން ފަދަ އާ ގޮތްތަކަކަށް މީޑިއާތަކުގެ ވިސްނުން ބަދަލު ކުރަން ޖެހޭކަން ޕެނަލިސްޓުން ފާހަގަކުރެއްވިއެވެ. އަދި ނޫސްތަކުގައި އިޝްތިހާރު ކުރަން ވިޔަފާރިތަކުން ޝައުގުވެރި ނުވާ ސަބަބުތަކުގެ މައްޗަށް ވެސް ވެބިނާގައި ޕެނަލިސްޓުން ވަނީ ތަފްސީލްކޮށް ވާހަކަ ދައްކަވައިފަ އެވެ.

މިވެބިނާގެ ވީޑިއޯ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފޭސްބުކް ޕޭޖުގެ މި ލިންކުން ފެނިވަޑައިގަންނަވާނެ: https://bit.ly/37ytTQx

ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި މުވައްޒަފުންނަށް ދިމާވާ ދަތިތައް ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށް ގެންދިޔަ ސާވޭގެ ރިޕޯޓް މި ވެބިނާގައި މިއަދު ޢާންމުކުރިއިރު، އެ ސާވޭއިން ވަނީ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި ރަނގަޅު ކުރަން ހުރި ގިނަ ކަންކަން ކައުންސިލަށް ފާހަގަވެފައެވެ. އެގޮތުން މީޑިއާތަކުގައި މަސައްކަތް ކުރާ ޖުމްލަ 63 ފަރާތަކުން ސާވޭގައި ބައިވެރިވި އިރު، އޮންލައިންތަކާއި ރޭޑީއޯ، ޓީވީތައް ހިމެނޭ ގޮތުން މީޑިއާތަކުގެ އިސްވެރިން ވެސް ވަނީ ސާވޭ އަށް މައުލޫމާތު ދެއްވައިފައެވެ.

-         މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ސާވޭގައި ބައިވެރިވި 65.1 އިންސައްތަ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފައިވާ އިރު، 36.7 އިންސައްތަ މުވައްޒަފުންގެ މުސާރައިން 50 އިންސައްތަ ވަނީ ކުޑަކޮށްފައެވެ.

-         ކޯވިޑް-19 ގެ ޚާލަތާ ގުޅިގެން މީޑިއާތަކުގެ އާމްދަނީ އެވްރެޖްކޮށް 80-60 އިންސައްތައާ ދެމެދުގެ އަދަދަކަށް ވަނީ ދަށަށް ގޮސްފައެވެ. 

-         މި ހާލަތުގައި ގިނަ ނޫސްވެރިން ގޭގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އިންޓަނެޓްގެ މައްސަލަ އާއި އެހެން ވެސް ވަޟީލަތްތަކުގެ ދަތިކަމުން މަސައްކަތަށް އުނދަގޫވާކަން ސާވޭގައި ބައިވެރިވި 79.4 ޕަސެންޓް މުވައްޒަފުން ފާހަގަކޮށްފައިވެއެވެ.

-         ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމާއި، އެކަން ކުރަނީ މެރިޓަށް ބަލައިގެން ނޫންކަމަށް، ސާވޭގައި ބައިވެރިވި 90 ޕަސެންޓް މީޑިއާތަކުން ފާހަގަކޮށްފައިވެއެވެ.

-         އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުން މީޑިއާތަކަށް ޙާއްޟަ އިންޓަނެޓް ޕެކޭޖްތަކެއް ތަޢާރަފްކޮށް އިންޓަނެޓަށް ކުރާ ޚަރަދު ކުޑަވުމަށް އެދޭކަން، ސާވޭގައި ބައިވެރިވި ހުރިހާ މީޑިއާއަކުން ވެސް އިއްތިފާގުވެފައިވެއެވެ.

-         މީޑިއާތަކަށް ކުރިމަތިވެފައިވާ، މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން މީޑިއާތަކަށް މާލީ އެހީތެރިކަމެއް ދިނުމަށް ސާވޭގައި ބައިވެރިވި، 93.7 އިންސައްތަ މީޑިއާއިން ބުނެފައިވެއެވެ.

-         ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ނެތް ކަމަށް ސާވޭގައި ބައިވެރިވި، 71.4 އިންސައްތަ ފަރާތުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދަން ފަސޭހަ ނޫން ކަމަށް ސާވޭގައި ބައިވެރިވި 80 އިންސައްތަ ބައިވެރިން ފާހަގަކޮށްފައިވެއެވެ.

-         ކޮމިއުނިޓީ ނޫސްތައް ހިންގުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.

-         މީޑިއާތަކަށް އެހީވުމަށް ސަރުކާރުން ލޯނެއް ތައާރަފްކޮށްފައިވީ ނަމަވެސް، އެ ލޯނަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަކަން މީޑިއާތަކުން ސާވޭއަށް މައުލޫމާތު ދީފައިވެއެވެ.

މި ސާވޭ ރިޕޯޓް ކައުންސިލްގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކުރެވިފައެވެ. މި ރިޕޯޓް މި ލިންކުން ފެނިވަޑައިގަންނަވާނެ އެވެ. https://bit.ly/3fs8Npy  

 

މި ސާވޭގެ ރިޕޯޓުން ފާހަގަވީ ކަންކަމާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މި ރިޕޯޓް ހިއްސާކޮށް މީޑިއާތަކަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެ ފަރާތްތަކުގައި އެދުމަށް ވަނީ ނިންމައިފައެވެ. އަދި އެ ކަންކަން ތަންފީޒުވަމުންދާ ގޮތް ކައުންސިލުން ގާތުން މޮނީޓާކުރަމުން ގެންދިޔުމަށް ވެސް ނިންމާފައިވެއެވެ. އަދި މި ދަނޑިވަޅުގައި އެންމެހާ މީޑިއާތަކާއި ނޫސްވެރިންނާއި ޖުމްލަކޮށް މީޑިއާތަކުގައި ހަރަކާތްތެރިވާ އެންމެހާ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް މި ކައުންސިލުން އެ ފަރާތްތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ.