ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނިންމުން ރަނގަޅުކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

03 ފެބްރުއަރީ 2019 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް، މއ.ލޮޓަސް އަސްއަދު ޝަރީފު ދައުވާކޮށްފައިވާ މައްސަލައިގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނިންމުން ރަނގަޅުކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނަންބަރު 49-MMC/C4-2017 (18 އޮކްޓޫބަރު 2017) ކައުންސިލުގެ ޖަލްސާގެ ނިންމުމެއް ނިންމާފައިވަނީ، ރާއްޖެޓީވީ އަށް ނިސްބަތްވާ ކައުންސިލުގެ މެންބަރު ޢަލީ ޔޫސުފުގެ ބަހާއި، ވޯޓު ހިމަނައިގެންކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ކައުންސިލުގެ މެންބަރު އައްސަދު ޝަރީފު 08 ޖަނަވަރީ 2018 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަމަވެސް ސިވިލް ކޯޓުން 31 ޖަނަވަރި 2018 ގައި ހުކުމް ކޮށްފައިވަނީ، މީޑިއާ ކައުންސިލުގެ ނިންމުން ނިންމާފައިވަނީ އަލީ ޔޫސުގެ ބަހާއި ވޯޓު ހިމަނައިގެން ނޫންކަމާއި، އަދި އެ ނިންމުން ނިންމާފައިވަނީ، ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ 5 ވަނަ ނަންބަރައި، އެ މާއްދާގެ (ށ) އަދި (ނ) އާއި، ޤަވާއިދު ނަންބަރު 2011/R-4 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤަޥާއިދު) ގެ 32 ވަނަ މާއްދާ އަދި މީޑިއާ ކައުންސިލުގެ ބައްދަލުވުންތައް ގެންދާ އާއްމު އުސޫލުތަކާވެސް އެއްގޮތަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނަންބަރު 49-MMC/C4-2017 (18 އޮކްޓޫބަރު 2017) ކައުންސިލުގެ ޖަލްސާގައި ނިންމަފައިވާ ނިންމެވުމަކީ، ބާޠިލު ނިންމުމެއްކަމުގައި ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.