ޚަބަރު

ނޫސްވެރިކަމުގެ އިނާމާ ގުޅޭ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވައިފި

21 މެއި 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމާ ގުޅޭ ގޮތުން މަޢުލޫމާތު ޙިއްޞާކުރުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށްޓަކައި ޕްރެސް ކޮންފަރެންސެއް ބާއްވައިފިއެވެ. މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވީ، މީޑިއާ ކައުންސިލުގެ ރައީސް ޢަބްދުލްމުޢީދު ޙަސަން އާއި، ނާއިބު ރައީސް އަޙްމަދު ޢަބީރު އިސްމާޢީލު އާއި، ޕީއާރު ކޮމިޓީގެ މުޤައްރިރު އަޙްމަދު މުޖުތަބާ އާއި، ޑިވެލޮޕްމަންޓް ކޮމިޓީގެ ނާއިބު މުޤައްރިރު މުޙައްމަދު ޙަމްދޫނާއި، ކައުންސިލުގެ އެސްޖީ މުޙައްމަދު ފަރުޞަތު އެވެ.

 

މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސަށް ނޫސްވެރިން ވަޑައިގެންނެވި މީޑިއާތަކުގެ ތެރޭގައި ޕީއެސްއެމް، ސަން މީޑިއާ ގްރޫޕް، މިހާރު ނިއުސް، ވީ މީޑިއާ ގުރޫޕް، އަވަސް އޮންލައިން އަދި ޗެނަލް 13 ހިމެނެއެވެ.

 

މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި، މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މިއަދު ހުޅުވާލެވޭނެ ކަމުގެ މަޢުލޫމާތު ދެވުނެވެ. އަދި މިއަދުން ފެށިގެން މިއަހަރުގެ ޖޫންމަހުގެ 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާނެ ކަމަށް ވެސް މަޢުލޫމާތު ދެވުނެވެ. ނޫސްވެރިންގެ ހުށަހެޅުއްވުންތަކަށް އިންޞާފުކުރުމަށްފަހު، ނަތީޖާ ފާޅުކުރުން ބޭއްވޭނެ ކަމަށް ލަފާކުރެވެނީ، މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ކަން ވެސް ހާމަކުރެވުނެވެ.

އިނާމުދިނުމުގެ ގަވާއިދު މުރާޖަޢާކުރުމަށްފަހު، މިހާރު ވަނީ އުސޫލަކަށް ބަދަލުކޮށްފައެވެ. އެއީ، ހުރިހާ އިނާމެއް އެއް އުޞޫލެއްގެ ދަށުން ދިނުމަށް ކައުންސިލުން ނިންމާފައިވާތީ އާއި، އެކަމާބެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅެކެވެ.

މިހާރު ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިނާމު ދެވެނީ މައިގަނޑު 8 ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ:

1.   އިޖްތިމާޢީ ދާއިރާ

2.    ސިޔާސީ ދާއިރާ

3.    ޝަރުޢީ އަދި ޤާނޫނީ ދާއިރާ

4.    ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

5.    ކުޅިވަރުގެ ދާއިރާ

6.    ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ

7.    ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ

8.    ފީޗަރ ލިއުމުގެ ދާއިރާ.

 

މީގެ އިތުރުން، ޚާއްޞަ ދެ އިނާމެއް ވެއެވެ. އެއީ، ލައިފްޓައިމް އެޗީވްމަންޓް އިނާމާއި، އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމެވެ. މިހާރު ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލަށް ވަނީ ދެ ދާއިރާއެއް އިތުރުކުރެވިފައެވެ. އެއީ، ޤާނޫނީ ދާއިރާ އާއި، ފީޗަރ ލިއުމުގެ ދާއިރާއެވެ. ޤާނޫނީ ދާއިރާ އިތުރުކުރެވިފައިވަނީ، ޝަރުޢީ ދާއިރާއާ އެކުގައެވެ.

މިހާރު ވަނީ، އިނާމު ދިނުމާބެހޭ އުސޫލު، ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.

 

21 މޭ 2017